Saturday, July 11, 2009

Raajjeyge Iqthisaadhee Haalathu: MMA in Mauloomaathu Hifahattanee Keevve?

ރާއްޖޭގެ އިޤްތިޞާދީ ޙާލަތު: އެމްއެމްއޭ އިން މަޢުލޫމާތު ހިފަހައްޓަނީ ކީއްވެ؟


އަޙްމަދު މުޙައްމަދު


ރާއްޖޭގެ އިޤްތިޞާދީ ޙާލަތުގެ މައްޗަށް ބަލައިލާ މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީން ކޮންމެ މަހަކު އެއްފަހަރު ޢާންމުކުރާ އެފަރާތުގެ "މަންތްލީ އިކޮނޮމިކް ރިވިއު" އަކީ ބޭނުންތެރި އިޤްތިޞާދީ މަޢުލޫމާތުތަކެއް ހާމަކޮށްދޭ އެއްޗެއްކަމުގައި ބެލެވުނެވެ. ނަމަވެސް މިކަން މާޒީގެ ތެރެއަށް ގޮސް ނިމެން އުޅޭކަމުގެ ބޮކިތައް ދިއްލޭހެން ހީވާން ފަށައިފިއެވެ. މިގޮތުން 2009 ގެ ޖެނުއަރީން މެއި މަހާއި ހަމައަށް ކޮންމެ މަހަކު ޢާންމުކޮށްފައިވާ މަންތްލީ އިކޮނޮމިކް ރިވިއުގެ އަދަދުތަކުގައިވާ މަޢުލޫމާތަށް ބަލައިލާއިރު، 2009 ގެ ޖެނުއަރީން އޭޕްރީލް މަހާއި ހަމައަށް ސަރުކާރުގެ އާމްދަނީއާއި ޚަރަދުތައް ހުރިގޮތް ހާމަކޮށްފައިވީ ނަމަވެސް، އެމްއެމްއޭ އިން 2009 ގެ ޖޫން މަހުގެ އަދަދު (މަންތްލީ އިކޮނޮމިކް ރިވިއު، ވޮލިއުމް III، ނަންބަރު 6) ގައި 2009 ގެ މެއި މަހުގެ މިދެންނެވި މަޢުލޫމާތު ހިމަނާފައެއް ނުވެއެވެ.

މިގޮތަށް އެމަޢުލޫމާތު ހިފެހެއްޓި ސަބަބަކީ ކޮބައިބާވައެވެ؟ ވަކިފަރާތެއްގެ ފިއްތުމެއް އޮވެގެން އެކަން އެގޮތަށް ކުރިނަމަ އެއީ ވަރަށް ދެރަކަމެކެވެ. އެހެންނަމަ އެއީ އެމްއެމްއޭ ގެ މުސްތަޤިއްލުކަމާމެދު ސުވާލު އުފެދޭ ކަމެކެވެ. ނޫނީ އެމަޢުލޫމާތު ނުހިމެނީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އެމަޢުލޫމާތު ނުލިބިގެންބާއެވެ؟ މަޢުލޫމާތު ނުލިބޭތީ މަޢުލޫމާތު ނުހިމެނިނަމަ އެކަން ބަޔާންކުރިނަމަ، މިކަމުގައި މިއުފެދޭފަދަ ސުވާލުތައް ހަމަގައިމުވެސް މަދުވީހެއެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން 2009 ވަނަ އަހަރަށް ހުށަހެޅުނު ބަޖެޓުގެ ޖުމްލަ ޑެފިސިޓް 4.8 ބިލިއަން ރުފިޔާ (ރާއްޖޭގެ އުފެއްދުންތެރިކަމުގެ މިންގަނޑު – ޖީޑީޕީ – ގެ 27 ޕަސެންޓް) އަށް އަރާނެކަމަށް އަންދާޒާކޮށްފައިވެއެވެ. މިއަންދާޒާ ބިނާކޮށްފައިވަނީ ސަރުކާރަށްލިބޭ ޖުމްލަ އާމްދަނީ 28 ޕަސެންޓަށް ދަށްވެ، ޖުމްލަ ޚަރަދު 1.9 ބިލިއަން ރުފިޔާއަށް އިތުރުވާނެކަމަށް ބަލައިގެންނެވެ. އާމްދަނީ ދަށަށްދާނެކަމަށް ލަފާކޮށްފައިވާ މައިގަނޑު ސަބަބުތަކަކީ އިމްޕޯޓް ޑިއުޓީންނާއި ޓޫރިޒަމް ބެޑް ޓެކްސް އިންލިބޭނެ މިންވަރު ދަށަށް ދިއުން ކަމުގައި ފާހަގަކޮށްފައިވެއެވެ. އަދި މިދެންނެވި ޑެފިސިޓް ގެ 70 ޕަސެންޓް ފައިނޭންސް ކުރުމަށް ހުށަހެޅިފައިވަނީ ބޭރުގެ އެހީންނެވެ. އަދި އަނެއް 30 ޕަސެންޓް ފައިނޭންސް ކުރުމަށް ހުށަހަޅާފައިވަނީ އަލަށް ތަޢާރަފްކުރާ އާމްދަނީ އިތުރުކުރެވޭނެ ފިޔަވަޅުތަކުންކަމުގައި ފާހަގަކޮށްފައިވެއެވެ. މިއީ ލަފާކޮށްފައިވާ ގޮތެވެ. ކަންހިނގާފައިވާ ގޮތަކީ ކޮބައިބާއެވެ؟

2009 ގެ ޖެނުއަރީން އޭޕްރީލް މަހުގެ (އަހަރުގެ ފުރަތަމަ ހަތަރު މަހުގެ) ހިސާބުތަކަށް ބަލައިލާއިރު، އެހަތަރު މަހު ސަރުކާރަށް ލިބުނު ޖުމްލަ އާމްދަނީއަކީ 1,589.3 މިލިއަން ރުފިޔާއެވެ. އަދި އެ ހަތަރު މަހުގެ ޖުމްލަ ޚަރަދަކީ 3,489.8 މިލިއަން ރުފިޔާއެވެ. އެހެންކަމުން 2009 ޖެނުއަރީން މެއި މަހުގެ ނިޔަލަށް ސަރުކާރުގެ ކޭޝް ފްލޯ ޙާލަތު 1,223.3 މިލިއަން ރުފިޔާގެ ދަރަނިވެރި ޙާލަތަކަށް ގޮސްފައިވެއެވެ. މިޑެފިސިޓް ފޫބައްދާފައިވަނީ ބަޖެޓް ހުށަހެޅިއިރު ހާމަކޮށްފައިވާ ގޮތަށް ބޭރުގެ އެހީ ލިބޭއެއްޗަކުންނާއި އާމްދަނީ އިތުރުކުރެވޭނެ އައު ކަންކަން ތަޢާރަފްކޮށްގެން ކަމަކަށް އަދި އެއްވެސް ކަމާބެހޭ ފަރާތަކުން މަޢުލޫމާތު ހާމަކޮށްފައެއް ނުވެއެވެ. އެހެންކަމަށް ވަންޏާ މިޑެފިސިޓް ފައިނޭންސްކުރީ ރުފިޔާ ޗާޕްކޮށްގެންކަން ކަށަވަރުވެއެވެ. 1.2 ބިލިއަން ރުފިޔާ ޗާޕްކޮށް ސަރުކާރުގެ ޑެފިސިޓް ފައިނޭންސް ކުރުމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި މައްސަލަތަކެއް ކުރިވެފައިވާއިރު އެކަންކަން ޙައްލުކުރުމަށް އެމްއެމްއޭ އާއި ސަރުކާރުން މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައިވޭބާވައެވެ. އަދި އެފަދަ ފިޔަވަޅެއް އަޅާފައިވާނަމަ އެމަޢުލޫމާތެއް ޢާންމުންނާ ހަމައަށްވެސް ރައްދުކޮށް ދިނުމަކީ ޒިންމާދާރު ގޮތެެއްކަމުގައި ދެކެމެވެ.

އެމްއެމްއޭ ގެ މަންތްލީ އިކޮނޮމިކް ރިވިއު ޖޫން 2009 ގެ އަދަދުގައި 2009 މެއި މަހު ސަރުކާރުގެ އާމްދަނީއާއި ޚަރަދުތައް ހާމަނުކޮށް ހިމަނާފައިވަނީ ޚިޔާލީ ތަސައްވުރެކެވެ. މިގޮތުން 2009 ގެ ބަޖެޓްގެ ޑެފިސިޓް ޖީޑީޕީގެ 27 ޕަސެންޓުން 7 ޕަސެންޓަށް ދަށްވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އެއީ ލަފާކުރި އާމްދަނީ 21 ޕަސެންޓަށް ދަށްވެ، ޚަރަދު 16 ޕަސެންޓަށް އިތުރުވިޔަސް، ޖުމްލަގޮތެއްގައި އާމްދަނީއަށް 33 ޕަސެންޓްގެ އިތުރުވުމެއް އަންނާނެކަމަށް ލަފާކުރެވޭތީކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އާމްދަނީއަށް އެންމެ ބޮޑު ދިރުމެއް ގެނެސްދޭނެކަމަކީ ރާވާފައިވާ ޕްރައިވެޓައިޒޭޝަންގެ މަސައްކަތުން ލިބޭ އާމްދަނީން ކަމުގައި ބަޔާންކޮށްފައިވެއެވެ. މިއީ ކިހާވަރެއްގެ ޙަޤީޤަތެއް އެކުލެވޭކަމެއްކަން އެނގޭނެ ގޮތެއްނެތެވެ. ނަމަވެސް ދަންނަވާލަންޖެހޭ އެއް ވާހަކައަކީ ސަރުކާރުގެ ޕްރައިވެޓައިޒޭޝަން ސިޔާސަތަކީ ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ރަނގަޅުކުރުމަށް އޮތް ފުރުސަތަކަށްވުރެ، އިޤްތިޞާދީ ސުނާމީއެއް ކުރިމަތިވުމަށް މަގުފަހިކޮށްދޭ ސިޔާސަތަކަށްވާކަމެވެ.