Sunday, June 14, 2009

Masaiykaiytheri ufedhdhuntheri akahvumuge muhinmukan (dhivehi)

މަސައްކަތްތެރި އުފެއްދުންތެރިއަކަށް ވުމުގެ މުހިންމުކަން

އިބްރާހީމް އާތިފް ޝަކޫރު


އަޅުގަނޑުމެންގެ ދަރިންނަކީ އުފެއްދުންތެރި މަސައްކަތްތެރި ބަޔަކަށް ވާތަން ދުށުމަކީ އަޅުގަނޑުމެން ކޮންމެމީހަކުމެ އުންމީދާއެކު ދެކެން ބޭނުން މަންޒަރެކެވެ. ޤައުމީ އިޤްތިޞާދަށާއި ޢާއިލީ ފުއްދުންތެރިކަމަށް ހިއްސާ ކުރާ ބަޔަކުކަމުގައި އެބައިމީހުން ވުމަށެވެ. ހީވާގި ކަމާއި ސާބިތު ކަމާއެކު މަސައްކަތް ތެރިންނަށް ވުމަށެވެ. ތިމާއަށް ލިބޭ މިންވަރުން ދެކޮޅުޖައްސާ ހިތްވަރުގަދަ ހިތްމަތްތެރިންނަށް ވުމަށެވެ. މިއީ ހަމަގައިމުވެސް އަޅުގަނޑުދެކެން ބޭނުން މަންޒަރެވެ. އަޅުގަނޑުގެ ހުވަފެނެވެ.

މިއަދުގެ ޒުވާނުން، އަޅުގަނޑުމެންގެ ދަރިންގެ ކިބައިގައި މިފަދަ ތަރުބިއްޔަތެއް އަށަގަންނެވުމަށް އަޅުގަނޑުމެން ބޭނުންނަމަ، މިކަމަށް އަކަށޭނަ ރަނގަޅު ފިޔަވަޅުތަކެއް ކުރިޔާލާ އަޅަންޖެހެއެވެ. ސްކޫލްދައުރުން ފެށިގެން އެކުދިންނަށް ދެވޭ ތަރުބިއްޔަތުގެ އެއްބައި ކަމުގައި އެފަދަ ތަރުބިއްޔަތު ހިމެނެން ޖެހެއެވެ. މަސައްކަތް ކުރުމާއި، އަމިއްލަ ފައިމައްޗަށް ތެދުވުމުގެ މުހިންމުކަމުގެ ވާހަކަ، އެކަމުގެ ޚިޔާލާތު، ޅަފަތުން ފެށިގެން އެކުދިންނަށް އަންގައިދިނުމަށް ފަށަން ޖެހެއެވެ. ކުރާ މަސައްކަތުން ލިބޭ ރޯދީގެ ނިޢުމަތް ބޮޑުވާނެކަން ބުނެދީ، މަސައްކަތްތެރި އުފެއްދުންތެރިންނަށް ވުމަށް ހިތްވަރުދީ އެފަދަ ވިސްނުންތަކެއް އެކުދިންގެ ޅަސިކުނޑިތަކަށް އުގަންނައިދޭންފަށަން ޖެހެއެވެ. ރަސްމީ ތަޢްލީމްގެ މުޤައްރަރުގައި ހިމެނިގެންނެވެ. ބޮޑެތި މީހުންނާއި ކަމުވޮށިގެންވާ ފަރާތްތަކުގެ ތަޤްރީރުތަކުންނެވެ. ލިޔެވިފައިވާ މަޒްމޫންތަކުންނާއި ކުޅެވޭ ޑްރާމާ ތަކާއި ފިލްމްތަކުންނެވެ.

ނަމަވެސް ހިތާމައަކީ އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނަ ޒުވާނުންތަކެއް މަސައްކަތަކާ ނުލާ ދުވަސް ވޭތުކުރަމުން ގެންދާކަމެވެ. މައިންބަފައިންގެ އެހީ އާއީ ލޯތްބާ، އެބައިމީހުންގެ ހެޔޮކަމާ އަޅާލުމުގެ މުށުތެރޭގައި، ޒުވާން ދައުރު އުފަލާއި ހިތްހަމަޖެއްސުމުގައި ހޭދަކުރަމުން ގެންދާކަމެވެ. މަސައްކަތްތެރިކަމުގެ ޚިޔާލާތާ، އުފެއްދުންތެރިކަމުގެ މުހިންމުކަމާ، ޒިންމާނަގަން ދަސްކުރުމާ ދުރުގާ ވަގުތާއި ދުވަސް ހޭދަކުރަމުންގެންދާ ކަމެވެ. އެކަމަށް އަޅުގަނޑުމެން ބެލެނިވެރިން ތަންދޭކަމެވެ.

ސަކަރާތާ، މަޖަލާ، ކުޅިވަރުގެ ހިތްހަމަޖެހުމުގެ ތެރޭގައި ތަޢްލީމެއް އުގަންނަވައިދެވޭ އަޅުގަނޑުމެންގެ ދަރިންނަށް ވަޒިފާއެއް އަދާކުރުމާއި، ޖުމްލަކޮށް އިޤްތިޞާދީ ވިސްނުން ޅަފަތުގައި މަޑުމަޑުންނަމަވެސް ފޯރުކޮށްދިނުމަކީ މުހިންމުކަމެކެވެ. އެހެނީ ޅަފަތުގައި ދެވޭ ތަރުބިއްޔަތާއި ބުނެދެވޭ ތަކެއްޗާއި، ދަސްކޮށްދެވޭ ފިލާވަޅުތަކުގެ މައްޗަށްމެނުވީ ދިރިއުޅުންބިނާވެގެންނެއް ނުދާނެއެވެ.

ނަމަވެސް އަޅުގަނޑުމެންގެ ތެރެއިންގެ ބައެއް މީހުންނަށް ނަމަވެސް، ކިތަންމެ ލޯބިންނަމަވެސް، ޅަފަތުގައި ދަރިންނަށް ދަސްކޮށްދެވެނީ މުޅިން އެހެންބާވަތެއްގެ ފިލާވަޅުތަކެކެވެ. ނުސީދާކޮށްނަމަވެސް ވިސްނާދެވެނީ ހެޔޮނޫން ވިސްނުންތަކެކެވެ.
ތިމާ އަކީ މިއަދު، ފޯރާ މީހަކަށްވިޔަތީ، މަސައްކަތް ކުރުމާއި، ވަޒީފާއަދާ ކުރުމުގެ މާޙައުލާއި ވިސްނުމާ ދުރުގައި، ކުއްޖަކު ބޮޑުކުރުމަކީ، މަދާމާ އެދަރިފުޅު ކުރިމަތިލާން ޖެހޭ ގޮންޖެހުންތަކަށް އޭނާ ތައްޔާރުކޮށްދެވުން ކަމުގައި ދެކޭކަށް ނުވާނެއެވެ. އެއީ ރަނގަޅު ތަރުބިއްޔަތެއް ކަމުގައި ވިސްނުމަކީ ކުށްހީއެކެވެ.

އެހެންކަމުން ފޯރުން ތެރިކަމުގެ މިންވަރު ކިތަންމެ ބޮޑުނަމަވެސް، ކުޑައިރުއްސުރެ އިޤްތިޞާދީ ތަރުބިއްޔަތެއް ކުދިންނަށް ފޯރުކޮށްދިނުމަކީ މުހިންމުކަމެވެ. ވަޒީފާ އަދާ ކުރުމަށް ހިތްވަރު ދިނުމާއި، ލިބޭ އެއްޗެކުން ދެކޮޅުޖެއްސުމާއި، ޚަރަދަށް ވިސްނުމާއި، މިފަދަ މިފަދަ ވިސްނުންތަކެއްގެ ތެރެއިން ބައްޓަންކުރެވޭ ކުއްޖާގެ މާދަމާ، އުޖާލާވެފައި މުސްތަޤްބަލްފަހިވާނެއެވެ.

މިއީ ހަމައެކަނި ޒާތީ އަދި ޢާއިލީ މައްސަލައެއް ނޫނެވެ. ލޯބިވާ ދަރިފުޅު އުފެއްދުންތެރިއަކަށް ވުމުގެ ބަދަލުގައި މަންމަގެ ހެޔޮކަމުގެ އުނގުގައި ދުވަސްތަކާ މަސްތައް ވޭތުކުރަމުން ގެންދިޔުމަކީ، ހަމައެކަނި އެޢާއިލާގެ މައްސަލައެއް ނޫނެވެ. އެއި ޤައުމީ މައްސަލައެއްވެސް މެއެވެ.ނުލާހިކު އަގުބޮޑު ޤައުމީ ވަސީލަތްތައް ބޭނުންކުރެވިގެން ތަޢްލީމު އުނގެނިފައިވާ އަޅުގަނޑުމެންގެ ޒުވާނުންގެ ކިބައިން ޤައުމަށް ލިބެންވާ މުއްސަނދިކަމާއި ބައިވެރިވުން ނުލިބެނީނަމަ ޤައުމީ އިޤްތިޞާދަށް އެކަމުގެ ނޭދެވޭ އަސަރުތަކެއް ނުކޮށެއް ނުދާނެއެވެ. ޢަޅުގަނޑުމެންގެ މުޖްތަމަޢަށް އުޖާލާކުރުމަށް ހުރިފުރުސަތުތައް މަޑުމަޑުންނަމަވެސް ގެއްލިގެން ފަނޑުވަމުން ނޫނީ ނުދާނެއެވެ.

1 comment:

  1. good article. vocation education is very important. vakaruge kudin rangalhukuran islahiyya ah beynunvey

    ReplyDelete