Thursday, June 25, 2009

Indiscriminate "viyafaari usoolu" siyaasathakee qaumuge minivankamah huri biruveri nurahkalekeve

އިންޑިސްކްރިމިނޭޓް "ވިޔަފާރި އުޞޫލް" ސިޔާސަތަކީ ޤައުމުގެ މިނިވަންކަމަށް ހުރި ބިރުވެރި ނުރައްކަލެކެވެ.

ރިފްޢަތް ޢަފީފް (ޑިވެލޮޕްމަންޓް ކޮންސަލްޓަންޓް)

ދިވެހި ސަރުކާރުގެ މިހާރުގެ ސިޔާސަތުކަމުގައިވާ "ވިޔަފާރި އުޞޫލް" ގެ ދަށުން، ޤައުމުގެ މައިގަނޑު އިންފްރާސްޓްރަކްޗަރ (ޞިއްޙީ ޚިދުމަތާއި، ކަނޑާއި ވައިގެ ދަތުރުފަތުރު ފަދަ) ބޭރު ކުންފުނިތަކުގެ އަތްމައްޗަށް ދިއުމަކީ ޤަައުމުގެ މުސްތަޤްބަލުގެ ސަލާމަތަށް ހުރި ވަރަށްވެސް ބިރުވެރި ނުރައްކަލެކެވެ. އަޅުގަނޑު ފަހަރުގައިވެސް މިދަންނަވަނީ ވިޔަފާރި އުޞޫލު (އޭގެ އަމިއްލަ ޒާތުގައި) ގޯސްވާހަކައެއް ނޫނެވެ. ރާއްޖެއިން މިއަދު މިފެންނަ ތަރައްޤީގެ އަޞްލަކީ ވިޔަފާރި އުޞޫލުން ކުރެވޭ ޕްރައިވެޓް ސެކްޓަރުގެ މަސައްކަތުގެ (ޓޫރިޒްމް އާއި ފިޝަރީޒްގެ) ފޮނި ނަތީޖާއެވެ. އަޅުގަނޑު ހަމައެކަނި މިދަންނަވާ އެއްޗަކީ، ވިޔަފާރި އުޞޫލުގެ ނަމުގައި ބޭރު މީހުންގެ އަތްމައްޗަށް އަޅުގަނޑުމެންގެ މައިގަނޑު އިންފްރާސްޓްރަކްޗަރތައް ދިއުމުން، މާކަދުރުނޫން މުސްތަޤްބަލެއްގައި ހިތި ނަތީޖާތަކެއް ޔަޤީނުންވެސް ނުކުންނަން ފައްޓާނެވާހަކައެވެ. އަދި މިހިތިނަތީޖާތައް އަހަރުތަކުގެ ތެރޭގައި ބޮޑުވަމުން ދިއުމުގެ ސަބަބުން އާޚިރުގައި (އެންމެ ފަހުންގޮސް) އަޅުގަނޑުމެންގެ މިނިވަންކަންވެސް ގެއްލޭނެ ވާހަކައެވެ.

މިދަންނަވާގޮތަށް ކަންތައްވާނީ ކީއްވެތޯ، އަޅުގަނޑުމެންގެ މިނިވަންކަން އާޚިރުގައި ގެއްލޭނީ ކީއްވެތޯ، ވިސްނައިގަތުމަށްޓަކައި ދެނެގަންނަންވީ އެންމެ މުހިންމު ކަމަކީ، އެއްވެސް ޕްރޮޖެކްޓެއް ރޭވި ހިނގަމުންދާއިރު، އެއިން މައިގަނޑު ދެފާޑެއްގެ ނަތީޖާއެއް ނުކުންނާނެކަމެވެ. އެއްފާޑަކީ އެޕްރޮޖެކްޓަކުން ނެރެން ބޭނުންވާ، ނުވަތަ، އެނަތީޖާއެއް ނެރުމަށް ޕްރޮޖެކްޓް ރޭވުނު ނަތީޖާއެވެ. ދެވަނަ ފާޑުގެ ނަތީޖާއަކީ އެޕްރޮޖެކްޓަކުން ގަސްދު ނުކުރާގޮތުގައި ނުކުންނާނެ ނަތީޖާއެވެ. މިދެވަނަ ފާޑުގެ ނަތީޖާއަށް، ނުވަތަ ޕްރޮޖެކްޓަކުން ނެރެން ބޭނުންނުވިޔަސް ނުނުކުމެނުދާނެ ނަތީޖާއަށް، އިޤްޠިޞާދު ޢިލްމުގައި ކިޔެނީ "އެކްސްޓަރނަލިޓީ" އެވެ. އެކްސްޓަރނަލަޓީ އިން މަދު ފަހަރަކު ފައިދާ ލިބިނުކަމުގައިވިޔަސް، ގިނަފަހަރު އެވަނީ ގެއްލުންދެނިވި އެއްޗަކަށެވެ. ވީމާ، ޢާންމުގޮތެއްގައި، އެކްސްޓަރނަލަޓީ މާނަކުރެވެނީ ޕްރޮޖެކްޓަކުން ނުވަތަ އެހެންވެސް އިޤްތިޞާދީ މަސައްކަތަކުން ގަސްދުގައި ނޫންގޮތަކަށް ނުކުންނަ ގެއްލުން ކަމުގައެވެ. ޕްރޮޖެކްޓްގެ ހިސާބުތަކުގެ ތެރޭގައި ނުހިމެނޭ ގެއްލުންދެނިވި އެއްޗެއްކަމުގައެވެ.

އެކްސްޓަރނަލިޓީ މައިގަނޑު ދެބަޔަކަށް ބަހާލެވިދާނެއެވެ. އަޅުގަނޑުމެންނަށް އެއެއްޗެއް އިޙްސާސްކުރެވޭ ފާޑުގެ "ފިޒިކަލް" އެކްސްޓަރނަލިޓީ އަށާއި ޢާންމުކޮށް އިޙްސާސްނުކުރެވޭ ނުވަތަ ކުރަންދަތި "އިޖްތިމާޢީ-ސިޔާސީ" އެކްސްޓަރނަލަޓީ އަށެވެ. އިޖްތިމާޢީ‑ސިޔާސީ އެކްސްޓަރނަލަޓީ އިޙްސާސްކުރަން ދަތިވުމުން، އެއީ އޮންނަ އެއްޗެއްކަންވެސް ގިނަފަހަރަށް އަޅުގަނޑުމެންނަށް އޮންނަނީ ނޭނގިފައެވެ. ރާއްޖޭގެ މުސްތަޤްބަލަށް ބުރޫއަރާނެއޭ އަޅުގަނޑު މިދަންނަވަނީ، ވިޔަފާރި އުޞޫލުގެ ނަމުގައި ބޭރުގެ ކުންފުނިތަކާއި ޤައުމުގެ މައިގަނޑު އިންފްރާސްޓަރަކްޗަރތައް ޙަވާލުކުރުމުން ނުކުންނާނެ މިފާޑުގެ، އެއީ އޮންނަ އެއްޗެއްކަންވެސް ނޭނގޭ ފާޑުގެ، އެކްސްޓަރނަލަޓީގެ ސަބަބުން ޔަޤީނުންވެސް ނުނުކުމެދާނެ ނަތީޖާތަކުގެ ސަބަބުންނެވެ.

އެކްސްޓަރނަލަޓީ އާއި ބެހޭގޮތުން މިހާތަނަށް ދެންނެވުނު އެއްޗެއްގެ މާނަ އަދި އިތުރަށް ސާފުކޮށް ދިނުމުގެ ގޮތުން މިސާލެއް ޖަހާލިޔަ ދެއްވާށެވެ. މީހުން އާބާދީވެ ތޮއްޖެހިފައިވާ ހިސާބެއްގައި ކާރޕެންޓްރީ ނުވަތަ އިންޖީނު ވަރކްޝޮޕް ހިންގުމުން، އެތަންތަނުން ނުކުންނަ ކީސްކުނޑިއާއި އެކިފާޑުގެ ވިހަ ގޭހާއި، މެޝިނަރީގެ ނުވަތަ އެހެންވެސް ޕަވަރ ޓޫލްސްގެ އާއި ތަޅާ އަޑުފަށްގަނޑަކީ ދުވަހުގެ ގިނަވަގުތުގައި ތަންގަނޑު ކަޅުކޮށްލާފާޑުގެ އެކި ބާވަތްބާވަތުގެ ތެލަކީ ބިންގަނޑާއި ބިމުގެ ފެންގަނޑު ވިހަކޮށް ހަލާކުކުރާ އެއްޗިއްސެވެ. މިއީ، މިފަދަ ކަންތައްތަކުގެ ސަބަބުން މީހުންނަށް ލިބޭ ނަފްސާނީ ގެއްލުމުގެ އިތުރަށެވެ. އެހެންނަމަވެސް، މިފަދަ ކަންކަމަކީ އެމަސައްކަތްކުރާ ތަނެއްގެ ވިޔަފާރީގެ ހިސާބުގެ ތެރޭގައި އަގުގެ ގޮތުގައި ހިމެނޭ އެއްޗެއް ނޫނެވެ. މީހުންނަށްލިބޭ އުނދަގުލާއި ގެއްލުމަކަށް ކުޑަވެސް އަޅާލުމެއްނެތި ހެދިފައިވާ ދެކޮޅުނުޖެހޭ ޤަވާޢިދުތަކެއްގެ ތެރެޔަށް ފެތެނިކޮށް ހަމަޖެހިދާފާޑުގެ ކަންކަމެވެ. ހިސާބު ކުރެވޭ ހަމައެކަނި އަގަކީ ތަނުގެ ކުއްޔާއި، މަސައްކަތްކުރުމަށް ބޭނުންކުރެވޭ މެޝިނަރީއާއި ތަކެތީގެ އަގާއި މީހުންގެ މުސާރައާއި އަދި އިލެކްޓްރިކް ޕަވަރ ފަދަ ޚިދްމަތްތަކަށް ދޭންޖެހޭ އަގު އެކަންޏެވެ. މިއީ "ވިޔަފާރި އުޞޫލް" ގައި ޢާންމުކޮށް ހިސާބު ކުރެވޭގޮތެވެ. މިގޮތުންކުރާ ކަންތަކުގައި، މީހުންނަށާއި ވެއްޓަށް ލިބޭ އުނދަގުލާއި ގެއްލުމަކީ މަސައްކަތަކުން ނުވަތަ ޕްރޮޖެކްޓަކުން ނުކުންނަ "ފިޒިކަލް އެކްސްޓަރނަލިޓީ" އެވެ ކިޔޭ، ހިސާބު ނުކުރެވޭ ނަތީޖާގެ ނުވަތަ ގެއްލުމުގެ މިސާލެކެވެ.

ކުރިން ދެންނެވުނުފަދައިން، ޕްރޮޖްކްޓަކުން ނުކުންނަ އިޖްތިމާޢީ–ސިޔާސީ އެކްސްޓަރނަލަޓީއަކީ އަޅުގަނޑުމެންނަށް ފެންނަ ނުވަތަ އިޙްސާސްކުރެވޭ ކަންތައްތަކެއްނޫނެވެ. އަދި އެއީ އޮންނަ އެއްޗެއްކަންވެސް ގިނަފަހަރު އެނގޭނެއެއްޗެއް ނޫނެވެ. އެހެން ނަމަވެސް، މިފަދަ އެކްސްޓަރނަލަޓީ ނުވަތަ ގެއްލުން ސީދާގޮތެއްގައި އިޙްސާސްނުވިޔަސް، އޭގެ ނުބައި ވިހަ ނަތީޖާގެ ގެއްލުން މަޑުމަޑުން މުޅި މުޖްތަމަޢަށް ފޯރުކުރަންފަށާނެ އެއްޗެކެވެ. މިފަދަ ގެއްލުމަކީ، މީހުންނަށް އިޙްސާސްނުވާ ފާޑުގެ ގޮތަކަށް ނަގަމުންދާ ބޮޑުރާޅެއް ގޮތަށް، މަޑުމަޑުން ނަގަމުން ބޮޑުވަމުންގޮސް އެންމެފަހުން ޤައުމުގެ ހަލާކުގެ ސިފައިގައި ބިންދާލާފާޑުގެ އެއްޗެކެވެ. އަދި މިފަދަ ނަތީޖާއަކީ – ބޮޑުރާޅެއް ފަދައިން – ވަކިވަރަކަށް ބޮޑުވުމުން ހުއްޓުވޭނެ ނުވަތަ މަތަކުރެވޭނެވެސް އެއްޗެއް ނޫނެވެ. ވީމާ ބުއްދިވެރިގޮތަކީ، ދުރާލާވިސްނައި، އެފަދަ ހަލާކުކުރަނިވި، ބިރުވެރި ކަމަކަށް މަގުފަހިވިޔަ ނުދިނުމެވެ.

ދެންމެ ދެންނެވުނުފަދައިން، އިޖްތިމާޢީ-ސިޔާސީ އެކްސްޓަރނަލަޓީގެ ރާޅަކީ މަޑުމަޑުން އުފެދޭ ރާޅެކެވެ. އެ އުފެދޭކަންވެސް މީހުންނަށް އިޙްސާސްނުވާ އެއްޗެކެވެ. އިޙްސާސް ނުކުރެވުމުގެ މައިގަނޑު ސަބަބަކީ، އެފަދަރާޅެއްގެ ހަލާކުކުރަނިވި ބާރު ބޮޑުވަމުން، ގަދަވަމުންދާލެއް ލަސްކަމެވެ. މިފަދަ ހަލާކުކުރަނިވިބާރު މަޑުމަޑުން ބޮޑުވަމުންގޮސް އޭގެ ނުބައި ނަތީޖާގެ ސަބަބުން މުޖްތަމަޢުގެ ހަލާކުގެ ސިފައިގައި ފަޅައިގެންދާން ނަގާނީ ހަމައެކަނި މިތަކެއް އަހަރެއްނޫނެވެ. އެފަދަބޮޑު އަދި ނުރައްކާ ކަމެއްވާން މިތަކެއް ޖީލު ނަގާނެއެވެ. މީގެ މާނަޔަކީ "ވިޔަފާރި އުޞޫލް" ގެ ނަމުގައި އަޅުގަނޑުމެން މިއަދު އަޅާ ޅައެތީގެ ނުބައި ނަތީޖާގެ އިޙްސާސްކުރެވޭ ބުރަދަން ނުކުންނަން ފައްޓާނީ މީގެ ދިހަ ވިހި އަހަރުދުވަސް ފަހުންނެވެ. އަދި މިފަދަ ނަތީޖާގެ ހަލާކުކުރަނިވި ބާރުން މުޖްތަމަޢު ހަލާކުކުރަންފައްޓާނީ ވިހި، ތިރީސް، ސާޅީސް އަހަރު ފަހުންނެވެ. މިފަދަ ދިގުމުއްދަތަކަށް ފެތުރިފައިވާ ކަންތައްތަކަކީ އަޅުގަނޑުމެން އިންސާނުންގެ ސިކުނޑިޔަށް އިޙްސާސް ކުރުމަށް ކުޅަދާނަ ކަންތަކެއްނޫނެވެ.

މިދެންނެވިފަދަ ދިގު މުއްދަތަކުން އޭގެ ނުބައި ނަތީޖާ ފާޅުވާނެފަދަ ކަންތަކާއިބެހޭގޮތުން މިއަދު އަޅުގަނޑުމެންނަށް ކުރެވޭނީ ހަމައެކަނި އަންދާޒާއެކެވެ. މިފަދަ އަންދާޒާއެއް ކުރުމަށް ޢަމަލީގޮތުން އެންމެ ފަސޭހަވާނެކަމަށް އަޅުގަނޑު ދެކެނީ މިދެންނެވުނު ފާޑުގެ ޅައެއްޗެތި އަމިއްލައަށް އަޅާފައިވާ، ނުވަތަ ބޭރުބައެއްގެ ނުފޫޒުގެ ސަބަބުން އެފަދަ ޙާލަތު މެދުވެރިވެފައިވާ، ޤައުމުތަކުގެ ތާރީޚަށް އަވަސްކަޅިއެއް ހިންގާލައިގެންނެވެ. ވީމާ، މިދެގްރޫޕްގެ ޤައުމުތަކުގެ ތާރީޚުން ބައެއް މިސާލު ޖަހާލިޔަދެއްވާށެވެ.

ގިނަ މީހުންނަށް ނޭނގުނު ކަމުގައިވިޔަސް، މިވަގުތު އިސްލާމީ ދުނިޔެއަށް ޖެހިފައިވާ އެންމެބޮޑު އެއް މުޞީބާތްކަމުގައިވާ، ފަލަޞްޠީންގެ މައްސަލަ އުފެދުމުގެ އަޞްލަކީވެސް އެމީހުންގެ އަމިއްލަ އަތުން އަޅާފައިވާ، މިދަންނަވާ ފާޑުގެ ޅައެއްޗެކެވެ. އެއީ، ޔަހޫދީން ފަލަޞްޠީނުމީހުން ރަށުން ބޭރުކުރުމަށް މަގުފަހިކޮށްދިނީ އެމީހުންގެ ދުރުވިސްނުމެއް ނެތުމުގެ ސަބަބުންކަމުގައި ވާތީއެވެ. މިކަމުގައި ޔަހޫދީންގެ އިޔަހޫދީ ރޭވުމެއް ނެތެކޭ ނުދަންނަވަމެވެ. ނަމަވެސް، އެއިޔަހޫދީ ރޭވުމަށް މަގުފަހިކޮށްދިނީ، މަޅީގައިޖެހުނީ، ފަލަޞްޠީނު މީހުން އަމިއްލައަށެވެ. މަޖްބޫރުކުވުމެއްނެތިއެވެ. އެހެނީ، ފަލަޞްޠީނުމީހުންގެ ބިންތައް، ލާރީގެ ދަހިވެތިކަމުގައި ޔަހޫދީންނަށް ވިއްކައި އެބިމަށްވެރިވާނެ ފުރުޞަތު އެމީހުންނަށް ނުދިންނަމަ، ފަލަޞްޠީނުގައި ޔަހޫދީ ދަވްލަތެއް ޤާއިމު ކުރުމަށް ހުޅަނގުގެ އެހީ (މަޝްހޫރު ބެލްފޯރ ވަޢުދު) ހޯދުމުގެ ދޮރު ހުޅުވިގެންނެއް ނުދާނެއެވެ. އަދި އޭގެފަހުން، ޔަހޫދީން ހަތިޔާރު ހިފައި، ރަށުގެ އަހްލުވެރިން އެމީހުންގެ އަމިއްލަ ރަަށުން ބޭރުކުރުމުގެ ފުރުޞަތެއް ނުލިބުނީހެވެ. (އެއްވެސްބަޔެއްގެ އަމިއްލަ ޤަވްމުގެ ހަލާކުގައި އެމީހުންގެ އަމިއްލަ ބޮޑު ޒިންމާއެއް އޮންނަކަން ދެނެގަތުމީ ބުއްދިވެރިކަމެކެވެ.)

އެމެރިކާގެ ފަންސާސްވަނަ ސްޓޭޓްގެ ނަވާރަވަނަ ޤަރުނުގެ ތާރީޚަކީވެސް ހަމަ މިފާޑުގެ، އަމިއްލަ އަތުން ފޭއްސި އިލޮށިގަނޑު އަމިއްލަ ލޮލަށް ހެރުމުގެ ހިތާމަވެރި ތާރީޚެކެވެ. (އަޅުގަނޑުގެ މާސްޓަރސް ޑިގްރީ – ފޯކަސް: ކުދި ޤަވްމު ތަރައްޤީ ކުރުން – ހެދީ ހަވާއީގައި، އަދި އެރަށުގެ ތާރީޚާއި ގުޅިފައިވާ ޕޭޕަރެއްވެސް ލިޔުނިން) ހަވާއީގެ ބޮޑެތި ރަށްތައް އެއް ވެރިކަމެއްގެ ދަށަށް ގެންނެވި ލީޑަރު، ކަމެހަމެހާ، އެމެރިކާގެ ކުންފުނިތަކަށް އަލަނާސިއާއި އުއްދަނޑި ހެއްދުމަށް ބޮޑަތި ބިންތައް ދެއްވުމަށްފަހު، އެކުންފުނިތަކުގެ ބާރު މަޑުމަޑުން ގަދަވަމުންގޮސް، އޭނާގެފަހުން ވަޑައިގަތް ތިންވަނަ ވެރިޔާ ކްއީން ލީލިއޮކަލާނީގެ ވެރިކަމުގައި، އެމެރިކާގެ ކުންފުނިތަކުގެ މަޞްލަޙަތު ރައްކައުކުރުމުގެ ފަރުދާގެދަށުގައި، އެމެރިކާގެ މެރީން ސިފައިން ހަވާއީގެ ވެރިރަށަށް ފައިބައި، ރަށްހިފައި، ކްއީން ގޭގައި ބަންދު ކުރުމަށްފަހު އެމެރިކާގެ ދަށަށް 1887 ގައި ހަވާއީ ގެންދިޔައެވެ. ހަވާއީ އެމެރިކާގެ ފަންސާސްވަނަ ސްޓޭޓަށްވީ 1959 ގައެވެ. (ތާރީޚަކީ ގަދަވާބަޔަކު ލިޔާއެއްޗެއްކަމުން، ހުޅަނގުގެ ރިފަރެންސް ފޮތްތަކުން މިކަމުގެ ހުރިހާ ތަފްޞީލެއް ލިބުމަކީ ވަރަށް ދުރުގައި އޮންނާނެކަމެކެވެ.) މިއަދު، ހަވާއީގެ ނަސްލުގެ މީހުން ސައްތައަކުން އެކަކަށްވުރެވެސް މަދެވެ. ނުވަދިހަނުވަޔެއް އިން ސައްތައަށްވުރެ ގިނައީ (އެފްރިކާގެ މީހުން އެމެރިކާގެ ދެކުނުގެ ސްޓޭޓް ތަކުގައި މަސައްކަތްކުރުމަށް ގެންދިޔަފަދައިން) އެމެރިކާގެ ކުންފުނިތަކުގެ ދަނޑުތަކުގައި މަސައްކަތްކުރުމަށްޓަކައި އިމްޕޯޓް ކުރެވުނު ޗައިނާ، ޖަޕާނު، އަދި ފިލިޕީންސް ދަރިކޮޅުގެ މީހުންނާއި، ތަނަށް ވެރިވެގަތް ޔޫރަޕް ދަރިކޮޅުގެ މީހުންނެވެ. އިޖްތިމާޢީ މިންގަނޑުތަކުން ކިރާލާއިރު ހަވާއީގެ އަސްލުދަރިކޮޅުގެ (ނިސްބަތުން ބަލާއިރު މަދު) މީސްކޮޅުވަނީ އެންމެ ފުލުގައެވެ. އެއީ އާމްދަނީގެ ގޮތުން ބެލިކަމުގައިވިޔަސް އަދި ޖަލުތަކުގައިވާ މީހުންގެ އަދަދުގެ ގޮތުން ބެލިކަމުގައިވިޔަސް ވެސްހެވެ. ހަވާއީގެ މިހިތާމަވެރި ނިމުމަކީ "ވިޔަފާރި އުޞޫލް" އިން ކަންތައްކުރަން ގެނެވުނު ބޭރުގެ ކުންފުނިތަކުގެ މަސައްކަތުން ގާތްގަނޑަކަށް ދޮޅު ޤަރުނުގެ ތެރޭގައި ނުކުތް އިޖްތިމާޢީ-ސިޔާސީ އެކްސްޓަރނަލަޓީގެ ހިތި ނަތީޖާ ސާފުކޮށް ހާމަކޮށްދޭ މިސާލެކެވެ. (ފަހުން ކަންތައްވާނެގޮތަށް ނުބަލައި އަޅުގަނޑުމެން މިއަދު ޢަމަލުކޮށްފިނަމަ، މިނިވަން ޤަވްމެއްގެ ގޮތުގައި ހަވާއީ ނިމިގެންދިޔަ ގޮތަކީ ދިވެހިރާއްޖެ މިނިވަން ޤަވްމެއްގެ ގޮތުގައި މާދަމާ ނިމިގެންދާނެގޮތް ކަމުގައިވުމަކީ ވަރަށްވެސް އެކަށީގެންވާކަމެކެވެ.)

އަމިއްލަ އަތުން ފޭއްސި އިލޮށިގަނޑު އަމިއްލަ ލޮލަށް ހެރިގެން މިނިވަންކަން ގެއްލިފައިވާ ޤަވްމުތަކުގެ އިތުރުންވެސް، މުސާރަ ވެރިންގެ ޚަރަދު ކުޑަކުރުމަށްޓަކައި އިސްތިޢުމާރީ ޤަވްމުތަކުން ޢަމަލުކުރިގޮތުން ގަޑުބަޑު އުފެދިފައިވާ ޤަވްމުތައް މަދެއްނޫނެވެ. ސްރީލަންކާގައި މިހާރު ހިނގަމުންދާ ތަޅާފޮޅުމުގެ އަސްލަކީ އިނގިރޭސިންގެ ދުވަސްވަރު ދަނޑުތަކުގައި މަސައްކަތްކުރަން ގެނެވުނު ތަމަޅަ ދަރިކޮޅުގެ މީހުންނެވެ. މެލޭޝިޔާގައި 1960 ގެ އަހަރުތަކުގައި ހިނގި ހަމަނުޖެހުންތަކާއި، އަދި މިހާރުވެސް ހުޅުފަޅައިގެންދާ ނުދާ ފައްތަރެއްގައިވާ ނަސްލީ ހަމަނުޖެހުންތައްވެސް ގުޅިފައިވަނީ ޓިނު މައިންތަކުގައި މަސައްކަތްކުރުމަށް ގެނެވުނު ޗައިނާ ދަރިކޮޅުގެ މީހުންނާއިއެވެ. ޕެސިފިކް ކަނޑުގެ ޤަވްމެއްކަމުގައިވާ ފީޖީގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ މިހާރު ބޮޑީ ހަމަމިގޮތަށް އެތެރެކުރެވުނު ތަމަޅަ ދަރިކޮޅެވެ. އަދި މިއަދު ހުޅަނގު ޔޫރަޕްގެ ޤަވްމުތަކުގައި ބޭރުމީހުން ގިނަވަމުން ދާލެއް ހަލުވިކަމުންޖެހޭ މައްސަލަތައް ބޭރުގެ ޚަބަރު އަޑުއައްސަވާ އެއްވެސް ބޭފުޅަކަށް އޮޅިވަޑައިގެންފައެއް ނޯންނާނެއެވެ.

މައްސަލައިގެ އަސްލަކީ އަމިއްލަ އަތުން ފޭއްސި އިލޮށިގަނޑު އަމިއްލަ ލޮލަށް ހެރިގެން މިނިވަންކަން ގެއްލުންކަމުގައި ވިޔަސް، ނުވަތަ އިސްތިޢުމާރީ ނުފޫޒު މެދުވެރިވެގެން ޤަވްމުގެ ހަމަނުޖެހުން ގެއްލުން ކަމުގައިވިޔަސް، ބަޔާންކުރެވުނު ދެގްރޫޕްގެ ޤަވްމުތަކުގެ ހަމަނުޖެހުންތަކުގެ އަޞްލަކީވެސް ބޭރުންގެނެވުނު މީހުންގެ އަދަދު އެކަށީގެންވާވަރަށްވުރެ ޤަވްމެއްގައި އިތުރުވުމެވެ. ރާއްޖޭގައި މިހާރު މަސައްކަތްކުރަންއުޅޭ ބޭރުމީހުންގެ އަދަދު ދިވެހިންގެ ޖުމްލަ އާބާދީގެ ހަތަރުބައިކުޅައެއްބަޔަށްވުރެ ގިނަވެއްޖެއެވެ. މިއީ ވޭތުވެދިޔަ ވިއްސަކަށް އަހަރުދުވެހުގެ ތެރޭގައި ނުކުމެފައިވާ ނަތީޖާއެކެވެ. އަންނަ ވިހި އަހަރުގެދުވަހުގެ ތެރޭގައި ކިހާވަރަކަށް އިތުރުވާނެކަމަށް ލަފާކުރެއްވޭތޯއެވެ؟ (މިދަންނަވަނީ ބޭރު މީހުން ނުގެންނަ ވާހަކައެއްނޫނެވެ. ބޭރުމީހުންނާއި ނުލައި މިރާއްޖޭގެ އިޤްތިޞާދު އިނދަޖެހޭނެއެވެ. އަދި މިމައްސަލަޔަށް އެކަށީގެންވާ ޙައްލެއް ނެތެކޭވެސް ނުދަންނަވަމެވެ.) މިއަދު ކަންތައްވަނީ އަޅުގަނޑުމެންގެ ކޮންޓްރޯލުގެދަށުގައޭ ހީވިޔަސް، މިހާރު އޮތްނަމަ އޮތް ކޮންޓްރޯލެއްވެސް މާދަމާ އޮންނާނެކަމުގެ އެއްވެސް ގެރެންޓީއެއް ނެތެވެ. އެހެންނަމަވެސް، މިއިން އެއްވެސްކަމަކަށް ހޭވެރިކަމެއް އަޅާލުމެއްނެތި، އަޅުގަނޑުމެން މިހާރު މިއުޅެނީ ޤަވްމުގެ އަސާސީ އިންފްރާސްޓްރަކްޗަރުތަކެއް ބޭރުގެ ކުންފުނިތަކަކަށް ދޫކޮށްލާށެވެ. "ވިޔަފާރި އުޞޫލް" ގެ ނަމުގައެވެ.

ޤަވްމުގެ ކަންތައްތައް ކަނޑައެޅުމުގައި "ވިޔަފާރި އުޞޫލް" އަށްވުރެ ދުރަށް ވިސްނަންވެއްޖެކަން އިސްވެދިޔަ މިސާލުތަކުން ސާފުވެވަޑައިގަންނަވާނެއެވެ. ދުރުވިސްނުމެއްނެތި "ވިޔަފާރި އުޞޫލް" އިން ހަމައެކަނި އިޤްތިޞާދީ ނަޒަރަކުން މިއަދު ކުރެވޭ ކަންކަމަކީ އޭގެ ވިހަނަތީޖާ، ނުރައްކާތެރި ކެންސަރެއްގެ ސިފައިގައި ޤަވްމުގެ އެހެން ހުރިހާ ދާއިރާތަކަށްވެސް މާދަމާ ފޯރުކުރާނެ ކަންކަމެވެ. މިފަދަ ކަންތަކުގެ ޑައިނަމިކްސްއަކީ ފަސޭހަފަސޭހައިން ތަޞައްވުރުކުރެވޭފަދަ ކަންތަކަށް ނުވާކަމުން، ތާރީޚުން ޢިބްރަތެއް ޙާޞިލުކުރުމަކީ ކޮންމެހެންވެސް ބޭނުންކަމެކެވެ. (މިމަޒްމޫނުގައި ރާއްޖޭގެ ތާރީޚާއިބެހޭގޮތުން ނުލިޔުނީ ނޭޝަނަލް ސިކިއުރިޓީއާއި ގުޅިފައިވާ ސަބަބަކަށްޓަކައެވެ. ނަމަވެސް އިނގިރޭސިންގެ ޙިމާޔަތުގެދަށުގައި ރާއްޖެއޮތް އަހަރުތަކުގައި، ރާއްޖޭގެ މިނިވަންކަމަށް އޭގެކުރިން އަރަމުންއައި ލޮޅުންތައް މެދުކެނޑިފައިވާކަން ފާހަގަކޮށްލުމަކީ ނެތްކަމެއްނޫނެވެ.)

ދިވެހި ރައްޔިތުން އެމީހުންގެ މަޞްލަޙަތު ރައްކައުތެރިކޮށް، ޤަވްމުގެ ނައު ރަނގަޅު މިސްރާބަށް ބެހެއްޓުމަށްޓަކައި އިންތިޚާބުކޮށްފައިވާ ވެރީންގެ އިސްތަށިފުޅުތަކަށް ދިވެހި ސަރުކާރުގެ ބަޔެއް ސިޔާސަތުގެ ނުބައިކަން ބަޔާންކޮށްދެވޭތޯ އުޅޭތާ މިހާރު ދިހައަހަރުދުވަސް ވެއްޖެއެވެ. 1999 އިން 2007 އާއި ހަމައަށް، ކުރީގެ ރައީސް އުސްތާޛު މައްމޫންގެ އިސްތަށިފުޅަށް ތަރައްޤީއާއި ގުޅިފައިވާ، ޢާންމުގޮތެއްގައި މީހުންވިސްނައިނުގަންނަ، މައިގަނޑު ޙަޤީޤަތް ވާޞިލުކޮށްދިނުމަށް އެކިގޮތްގޮތުން އަޅުގަނޑު ކުރިމަސައްކަތުގެ އަދަދު ގިނަގުނައެވެ. އެހެންނަމަވެސް، ނަތީޖާ ކަނޑުގައި ރޮނގުއެޅުމަށްވުރެ ސަހަލައެއްނޫނެވެ. އަޅުގަނޑު ތަކުރާރުކޮށް ގޮވާލި ގޮވާލުމަށް އުސްތާޛް މައްމޫން ބީރު ކަންފަތެއް ދެއްވުމުން، 2005 ވަނަ އަހަރުގެ އޭޕްރީލްމަހު، ސަރުކާރުގެ ބަޔެއް ޕޮލިސީގެ ނުރައްކާތެރިކަމާއި އެއިން ޤަވްމުގެ މިނިވަންކަމަށް ބުރޫއަރާނެކަން، އޭރުގެ ރައްޔިތުންގެ މަޖްލިހުގެ މެމްބަރުންނާއި ހަމަޔަށް (ވަކިވަކިން) ވާޞިލުކުރީމެވެ. ނަމަވެސް، އެމަސައްކަތުގެ ނަތީޖާއަކީވެސް ހަމަސުމެކެވެ. 2007 ގެ ޖޫން މަހުގެ ތެރޭގައި (ރިޔާސީ އިންތިޚާބުގެ ގާތްގަނޑަކަށް ދޮޅުއަހަރުދުވަސް ކުރިން) ޑިވެލޮޕްމަންޓް ޕޮލިސީއާއިބެހޭގޮތުން އަޅުގަނޑު ލިޔެފައިވާ ލިޔުންތައް އެމް.ޑީ.ޕީ. ގެ ޒަޢީމް މުޙަންމަދު ނަޝީދަށް އަޅުގަނޑު އެރުވީމެވެ. އަދި އޭގެ ދެހަފުތާއެއްހާ ދުވަސްފަހުން އިއްތިފާޤުން ދިމާވެގެން، އެލިޔުންތައް ވަރަށްރަނގަޅޭވެސް ވިދާޅުވިއެވެ. ނަމަވެސް، ރައީސްކަމަށް އިންތިޚާބު ކުރެވުމަށްފަހު ބައްދަލުވާނެ ފުރުޞަތެއްލިބޭތޯ އެތައްފަހަރު އެކިގޮތްގޮތުން އުޅެގެންވެސް ފައިންޕުޅު ފެންނަގޮތެއް ނުވިއެވެ.

ކަންމިހެންއޮތުމުން، ޤަވްމުގެ މުސްތަޤްބަލަށް ދިމާވެފައިވާ – މީހުން ޢާންމުކޮށް ނުވިސްނާފާޑުގެ – ނުރައްކާތަކަކާއިބެހޭގޮތުން ވޭތުވެދިޔަ ދިހަ އަހަރުދުވަހު އަޅުގަނޑު ގޮވާލި ގޮވާލުމަށް ރައްޔިތުން އިންތިޚާބުކޮށްފައިވާ ވެރިންނާއި މަންދޫނުން ބީރު ކަންފަތެއް ދެއްވުމުން، މިލިއުމުގެ ބޭނުމަކީ މިކަންތައްތައް ސީދާ ރައްޔިތުންނާއި ހަމަޔަށް ފޯރުކުރުމެވެ. މިދަނޑިވަޅުގައި މިކަންކުރުމުގެ ބޭނުމަކީ، ސަރުކާރުން މިހާރު ކުރިޔަށްގެންދަން ގަސްދުކޮށްފައިވާގޮތަށް ވިޔަފާރި އުޞޫލުން ބޭރުގެ ކުންފުނިތަކަކާއި ރާއްޖޭގެ މައިގަނޑު އިންފްރާސްޓްރަކްޗަރތަކެއް ޙަވާލުކޮށްފިނަމަ މުސްތަޤްބަލުގައި ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާނެކަމަށް އަޅުގަނޑު (އިސްވެދިޔަފަދަ މިސާލުތަކުގެ އަލީގައި) ލަފާކުރާތީއެވެ. މިހާތަނަށް ކަންތައް ގޮސްފައިވާގޮތާއި އަދި މިހާރު ކުރިޔަށްގެންދަން ގަސްދުކުރެވިފައިވާ ޕޮލިސީގެ ނުރައްކާތެރިކަން ރައްޔިތުންނަށް ވާޞިލުކޮށްދިނުމަށެވެ. ކަންތައް ނުބައިން އެއަށްވުރެ ނުބަޔަށް ހަލުވިކަމާއިއެކު ފުރޮޅާލައި، ފުންމިން އެނގުމެއްނުވާ، އެއިން ގައިމު އަރައިނުގަނެވޭނެ، ވަޅުގަނޑަކަށް މިރާއްޖެ ވެއްޓޭތީއެވެ.

މިމަޒްމޫނުގެ މައުޟޫޢަކީ، ޑިވެލޮޕްމަންޓް ޕޮލިސީއަކީ، ވަރަށްފުޅާ އަދި އެހާމެ ލާމެހިފައިވާ އެއްޗެކެވެ. މިކަމާއިބެހޭގޮތުން މިލިޔުމުގައި މިވަނީ ވަރަށް ކުޑަމިންވަރެކެވެ. އިތުރު ތަފްޞީލް އަޅުގަނޑުގެ އެހެން ލިޔުންތަކުން ސާފުވެވަޑައިގަންނަވާނެއެވެ. މައުޟޫޢަށް އެންމެ ޝާމިލު (ކޮމްޕްރިހެންސިވް) ކޮށް އަލިއަޅުވާލާފައިވާ ލިޔުމަކީ 1 އޭޕްރީލް 2005 ވަނަ ދުވަހު ރައްޔިތުންގެ މަޖްލީހުގެ މެމްބަރުންނަށް އަޅުގަނޑު ފޮނުވި ސިޓީއެވެ. މިހުރިހާ ލިޔުމެއް، ޚާއްޞަކޮށް މިކަމަށްޓަކައި އަޅުގަނޑު ހޯދާފައިވާ ވެބްސައުޓުން ޑައުންލޯޑް ކުރެއްވޭނެއެވެ. އެޑްރެސް: www.rifatafeef.com


2 comments:

  1. Dear Rifat,

    Thank you for the interesting article. It scares me a lot. Your examples have highlighted the dangers of the Government's indiscrimate privatisation policy. Historical evidences from other countries, you pointed out in your article, are realities we cannot change.

    Some one some how has got to increase awareness of these facts.

    Once again thank you for the eye openner article.

    ReplyDelete
  2. I am surprised to learn that both Maumoon and present governments have failed to accept your arguments. In addtition, its a pity to learn that the Majilis also gave deaf ear to your calls.

    Keep up the good work. I hope we the Maldivians do not have go through the hardships suffered by other countrymen due to externalities.

    ReplyDelete